ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަސްތަކުން ފެށިގެން، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކަކީ އަންނަން އޮތް ޖީލުތަކަށް ޤައުމު ސަލާމަތްކޮށްދިނުމުގެ މުހިންމު މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް އި”އެކްސް”ގައި ކުރެއްވިޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒު މިހާރު އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން ފަސޭހަ ނިންމުންތަކެއް ނޫން ކަމަށާއި، ނަމަވެސް މިއީ ޤައުމުގެ މުސްތަޤްބަލަށް ކޮންމެހެން ބޭނުންވާ ބަދަލުތަކެއް ކަމަށެވެ.
ރައީސް މުޢިއްޒު ރޭ އިޢުލާންކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެއެވެ. މީގެ ތެރޭގައި ހިމެނެނީ:
- ސަރުކާރުގެ އިސްވެރިންނާއި، މަޖިލިސް މެންބަރުން އަދި 12,000 ރުފިޔާއިން މަތީ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 10% ކުޑަކުރުން
- ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50% ދޫކޮށްލެއްވުން
- ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން.
މީގެއިތުރުން ދިޔަ ހޯމަ ދުވަހު ރައީސް ވަނީ ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ނިންމާ، ދުންފަތުން ނަގާ ޓެކްސް ބޮޑުކުރަން ނިންމަވާފައެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ، މި ފިޔަވަޅުތަކަކީ ދިވެހި މުޖުތަމަޢުގައި މޫލެފައިވާ ނޭދެވޭ އާދަތައް ނައްތާލުމަށާއި، ޤައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި މި ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ރައީސް މިއަދު އެ ސާބިތުކޮށްދެއްވަނީ މިއީ އެކަކު ދެމީހެއްގެ ޤައުމެއް ނޫންކަން. އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއްކަން.” މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.



