އައްޑޫގައި ޓޫރިޒަމަށް ހުރި ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް އަންނަ އަހަރު ޓޫރިޒަމް ސިމްޕޯޒިއަމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.
އައްޑޫގެ ޓޫރިޒަމް ބްރޭންޑް ލޯންޗުކުރުމަށް ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، މި ސިމްޕޯޒިއަމްގައި އިންޑިއާ އާއި ޗައިނާގެ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި އޮންލައިން ބުކިން ޕްލެޓްފޯމްތައް ބައިވެރިކުރާނެ ކަމަށެވެ. އަދި މި ސިމްޕޯޒިއަމް ލީޑުކުރާނީ އެމްއެމްޕީއާރްސީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ، މިހާރު އައްޑޫގައި 1،100 އެނދު ހުރި ކަމަށާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންގްސްއިން ގަމުގައި 130 އެނދުގެ ޓޫރިސްޓު ހޮޓަލެއް އެޅުމަށް ބޭނުންވާ ކަމަށެވެ.
މި ސިމްޕޯޒިއަމްގެ މަޤްޞަދަކީ އައްޑޫގައި ޓޫރިޒަމަށް ހުރި ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ރައްޔިތުންނަށް އަންގައިދީ، ޚާއްޞަކޮށް ޒުވާނުންނަށް މި ދާއިރާގައި ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.



