އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނިގޮތުގައި މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ އަސާސީ ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމާއި، އާސަންދަ ސްކީމް ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމެވެ.
މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުޙަލާގައި 87 ބޭހެއްގެ އަގަށް ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ބަދަލުގެނެވޭނެއެވެ. ދެވަނަ މަރުޙަލާގައި 126 ބޭހެއްގެ އަގަށް ނޮވެމްބަރު 24 ވަނަ ދުވަހުން ފެށިގެން ބަދަލުގެނެވޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.
އެންސްޕާއިން ބުނެފައިވާ ގޮތުގައި، މި ފިޔަވަޅުތަކުގެ ސަބަބުން ކުރިން އަގުބޮޑުކޮށް ވިއްކަމުން ދިޔަ ބޭސްތަކުގެ އަގު ހެޔޮވެގެންދާނެއެވެ. އަދި މިއާއެކު އާސަންދަ ސްކީމުގެ ޚަރަދުވެސް ކުޑަކުރެވި، 220 މިލިއަން ދިވެހި ރުފިޔާ ސަލާމަތްވެގެންދާނެއެވެ. އަދި އާސަންދަ ސްކީމް މެދުވެރިކޮށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
މީގެއިތުރުން މުރާޖަޢާ ކުރެވޭ ބޭސްތަކުގެ ތަފްސީލު އެންސްޕާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި، އާސަންދައިން ޝާއިޢުކޮށްފައިވާ ލިސްޓާ ޚިލާފަށް އެއްވެސް މަރުކަޒަކުން ޚިދުމަތް ދޭކަން ފާހަގަކުރެވިއްޖެނަމަ 7951400 ނަންބަރަށް ގުޅައި އެންގުމަށް އެންސްޕާއިން އެދިފައިވެއެވެ.




