ޕީއެންސީގެ މެމްބަރޝިޕް އިތުރުކުރުމަށް ސޮއި ފޯޖުކުރުމާއި ވަގަށް ފައިސާ ބެހުން ފަދަ ކަންކަމަކީ އެމްޑީޕީއަށް ކުރަން ޖެހޭ ކަންކަމެއް ނޫން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
އެމްޑީޕީން ވަނީ ޕީއެންސީން ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައިވާ ރައްޔިތުންގެ އަމިއްލަ މަޢުލޫމާތު ބޭނުންކޮށްގެން އަދި ސޮއި ފޯޖުކޮށްގެން މެމްބަރޝިޕް ފޯމު ފުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް، އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ ޕާޓީއަކަށް އެފަދަ ގޮތްތަކަށް މެމްބަރުން ހޯދާކަށް ނުޖެހޭނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕީއެންސީ އޮފީހަށް ކޮންމެ ރެއަކު ސަތޭކަ އަދަދެއްގެ ފޯމުތައް ލިބެމުންދާ ކަމަށާއި، އެއީ މަޖުބޫރުން ފުރުވާ ފޯމުތަކެއް ނޫން ކަމަށެވެ. އަދި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ފޯމު ފުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ވިދާޅުވީ، ސަރުކާރު ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީންނަކީ ޕީއެންސީގެ މެމްބަރުން ކަމަށާއި، އެހެންކަމުން ޕާޓީ ބޮޑުކުރުމަކީ އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.
“އެއީ އެބޭފުޅުން އެ މަގާމަށް ވަޑައިގަންނަވަނީ ޕާޓީގެ ފަރާތުން. އެހެންވީމަ އެބޭފުޅުންގެ ޕާޓީ އެބޭފުޅުން ބޮޑުކުރަން މަސައްކަތްކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގަ މަލްޓިޕާޓީ ޑިމޮކްރަސީއެއްގަ ހުރަހެއް އޮންނާނެ ކަމެއް ނޫން” އަބްދުއްރަހީމް ވިދާޅުވިއެެވެ.
ޕީއެންސީން މިހާރު ވަނީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ވެފައެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 75,000 މެމްބަރުންގެ އަދަދު ހަމަކުރުމަށް މަސައްކަތްކުކުރަމުންދާ ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެފައިވެއެވެ.



