ކުރީ ސަރުކާރުން ފަށާފައިވާ 39 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 3.6 ބިލިއަން ރުފިޔާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ފެނިގެން ދިޔައީ މަޝްރޫޢުތައް ފެށުމަށް ހަމައެކަނި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައި، މަސައްކަތް ފެށުމަށް އެރަށަކަށް ތަކެތި ގެންގޮސް، ވަޅުގަނޑެއް އެކަނި ކޮނެފައި މަސައްކަތް ނުފަށާ ހުރި މަންޒަރެވެ.
އަދި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކޮށް އެޑްވާންސް ފައިސާ ނުދިނުމުގެ ސަބަބުން ތ. ވިލުފުށި އެއަރޕޯޓް އެޅުމަށް ބިންހިއްކުމުގެ މަޝްރޫޢު، ބ. ތުޅާދޫ އަދި ށ. ބިލެތްފަހީގެ އެއަރޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫޢު އޮތީ މަސައްކަތް ކުރިއަށް ގެންދާކަން ރައްޔިތުންނަށް ދެއްކުމަށް ޓަކައި ފަށާފައި ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގެ ނިޔަލަށް ހަމައެކަނި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ސޮއިކުރެވިފައި ހުރި 322 މަޝްރޫޢުތަކުގެ އަގަށް 39.98 ބިލިއަން ރުފިޔާ އަރާ ކަމަށެވެ. ނަމަވެސް މި 39 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ޓަކައި 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 3.6 ބިލިއަން ރުފިޔާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
“މިއީ 2024 ވަނަ އަހަރު ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ އަދަދުގެ ބައިކުޅަބައި. އެއީ ގާތްގަނޑަކަށް 15 – 20 ޕަސެންޓާ ދެމެދުގެ އަދަދެއް,” މުއްތަލިބު ވިދާޅުވިއެވެ.



