މިއީ ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމަ އަށް ދޭނެ ސަރުކާރެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މީޑިއާ ކައުންސިލުން ރޭ ބޭއްވި “11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްކުރައްވާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކާއި ހޭދަތަކުގެ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި މީޑިއާއަށް ފޯރުކޮށްދެއްވާ ކަމަށެވެ. އަދި މި ސަރުކާރަކީ ހުރިހާ ކަމެއްގައިވެސް ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅޭނެ ސަރުކާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، ނައިބު ރައީސް ނޫސްވެރިންނަށް އިލްތިމާސްކުރެއްވީ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ދޮގު މައުލޫމާތު ނުފަތުރުމަށެވެ. އަދި މީޑިއާގެ ވަސީލަތްތަކުން ފަތުރާ ހަބަރުތަކަކީ ހުރިހާ އުމުރުފުރައަކަށް އެކަށީގެންވާ، އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ތަކެތި ކަމުގައި ހެދުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތައުލީމީ ދާއިރާއިން ނިކުންނަ ޤާބިލު ދަރިވަރުންގެ ތެރެއިން މޮޅެތި ނޫސްވެރިން އުފެއްދުމުގެ މުހިންމުކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.



