އަމިއްލަ ޖީބުން ފައިސާ ދައްކަންޖެހޭ ހުރިހާ ހާލަތެއްގައިވެސް އާސަންދަ ޚިދުމަތް ލިބޭނެކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ކަށަވަރުކޮށްދީފިއެވެ.
މިގޮތަށް އެންސްޕާއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ އަމިއްލަ އިންޝުއަރެންސް ސްކީމްތަކަށް އިސްކަންދޭގޮތަށް އާސަންދަ އައުޓްޕޭޝަންޓް ޚިދުމަތަށް ގެނެވުނު ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުން ސައްޙަނޫން މަޢުލޫމާތު ފަތުރަމުންދާތީއެވެ.
ސަރުކާރުން ވަނީ އާސަންދަ ސްކީމް ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން އައުޓް ޕޭޝަންޓްގެ ހިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަންދިނުމަށް ނިންމައިފައެވެ.
ނަމަވެސް އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓް ހުއްޓާލުމުގެ ސަބަބުންކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕޮލިސީ އިން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، އާސަންދައިގެ ކަވަރޭޖް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެކަމުގެ ޔަގީންކަން އެންސްޕާއިން ވަނީ ދީފަ އެވެ.
އަދި ކަމާއި ގުޅުންހުރި އިތުރު މައުލޫމާތު ސާފުކުރަން އެދޭނަމަ އާސަންދަ ކުންފުނީގެ ހޮޓްލައިން 1400 އަށް ގުޅުމަށް އެންސްޕާއިން ވަނީ އެދިފަ އެވެ
މީގެއިތުރުން ސައްހަ މައުލޫމާތު ސާފުކުރުމަށް އެދި އެ އެޖެންސީން ވަނީ މިފަދަ ދަނޑިވަޅެއްގައި، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަކުރަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.



