ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ފޮނުވާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ ބަޖެޓް ހުށަހެޅުއްވީ މިދިޔަ މަހުގެ 31، ގަ އެވެ. އަދި ބަޖެޓަށް ބަހުސްކޮށް ނިމުނީ މި މަހުގެ 16 ގަ އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު އެވެ. ބަޖެޓާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
އެ ބަޖެޓް ދިރާސާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި ލަފާތަކެއް ފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޕީއައިސްޕީއަގައި ހިމެނޭ މަޝްރޫއުތައް ހަމައަށް އަގުކޮށް، ދެމެހެއްޓެނިވި ގޮތަކަށް ރާވައި، އެ ޕްރޮގްރާމަތައް އިސްކަންދޭ ތަރުތީބެއް ކަނޑައެޅުން
އެއަށްފަހު، އަންނަ އަހަރު އަމަލީ މަސައްކަތް ފަށާ ޕީއެސްއައިޕީ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ރަށްތަކަށް ބެހިފައިވާ ގޮތުގެ ލިސްޓެއް އަންނަ ފެބްރުއަރީ މަހު މަޖިލީހަށް ހުށަހެޅުމަށް - ސަރުކާރުން އެކި ފަރާތްތަކާއެކު ހަދަފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫއުތަކާއި ކުރިއަށްނުގެންދެވޭނެ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިންގަން ނިންމައިފައިވާ ރަށްތައް މާޗު މަސް ނިމުމުގެ ކުރިން މަޖިލީހަށް އެންގުމަށް
- ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ ރިޕޯޓް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުން
- ސަރުކާރު ހިންގާ ކުންފުނިތައް ރިފޯމް ކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލައި އޭގެ ދަށުން އަޅަން ރާވާފައިވާ ފިޔަވަޅުތަކާއި އަޅައިފައިވާ ފިޔަވަޅުތައް އެނގޭނެހެން ކޮންމެ ކުއާޓާއެއްގައި ހުށަހެޅުން
- ޓެކްސް ދައްކާ ފަރާތްތަތަކުން ކޮމްޕްލަޔަންސް ރަނގަޅު ކުރުމަށް ގާނޫނުގެ ދަށުން މީރާއިން އަޅަމުންދާ ފިޔަވަޅުތައް މުރާޖާކޮށް ދިމާވާ އެހެނިހެން ދަތިތައް ހައްލުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހު ކުރުން އަވަސްކޮށް، އެ ގާނޫނަށް ހުށަހަޅާ އިސްލާހާ ގުޅޭ ސިޔާސަތުތައް މެދުރާސްތާގައި އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުމަށް
މި ބަޖެޓްގައި ބޯހިޔާވެހި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ ބަޖެޓަށް ސަރުކާރުން ކިޔަނީ ގެދޮރުވެރިކަމުގެ ބަޖެޓެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ވަރަށް ހާއްސަ ބަޖެޓެއް ކަމަށެވެ.