ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް މިއަދު އިސްލާމީ މަރުކަޒުގައި ފެށިއްޖެއެވެ. ޒަކާތު ހައުސްއިން އިންތިޒާމްކޮށްތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޒަކާތުގެ ޢިލްމުވެރިންނާއި މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.
“އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024” ގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ޒަކާތުގެ ނިޒާމެއް ޤާއިމުކޮށް ކުރިއެރުވުމެވެ.
މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މަސައްކަތްތެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރިން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި ޒަކާތުގެ ހިންގުން ހަރުދަނާކުރުމުގެ އިސްތިރާޖުތައް ދެނެގަނެވޭނެއެވެ.
ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުގެ އިތުރުން މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، ޕެނަލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް “ޒަކާތު ހައުސް” ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވުމަށް ނިންމަވާފައެވެ.