ރާއްޖޭގައި 32 މީހުން އެޗްއައިވީއަށް ފަރުވާ ހޯދަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންް ހާމަކޮށްފިއެވެ.
ދުނިޔޭގައި ފާހަގަކުރާ އެއިޑްސް ދުވަހާއި ގުޅުވައިގެން އެޗްޕީއޭއި އިން ވިދާޅުވިގޮތުގައި ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނުނީ 1991 ވަނަ އަހަރުއެވެ. އެއަށްފަހު މިހާތަނަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، 31 އޮކްޓޫބަރު 2024 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި 43 ފިރިހެނުންނެވެ. މީގެތެރެއިން 16 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު، މި ވަގުތު 32 މީހުން ބައްޔަށް ފަރުވާހޯދަމުން އެބަދެއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި އެޗްއައިވީއަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ. އަދި އެޗްއައިވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ (Pre-exposure prophylaxis or PrEP) ވެސް ރާއްޖޭގައި ލިބެން ހުންނަކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.
އެޗްއައިވީއަށް ޓެސްޓްކުރުމަކީ ނުހަނު މުހިއްމުކަމެއް ކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުންވެސް އެޗްއައިވީއަށް ޓެސްޓް ކުރެވޭނެކަމަށް ބުނެފައެވެ.
މީގެ އިތުރުން ޝީ އިން ޓެސްޓް ހެދޭނެއެވެ. ކާކުކަން ނޭނގޭގޮތަށް ވެސް ޓެސްޓް ކުރެވޭނެ އަދި ނަތީޖާ އެއްވެސް ފަރާތަކަށް ހާމައެއް ނުކުރެވޭނެއެވެ.
އެޗްއައިވީއަކީ ރައްކާތެރިވެވޭ ބައްޔެކެވެ. ނަމަވެސް މިއީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެއް ނޫނެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ޤަވާއިދުން ބޭނުންކުރާނަމަ ދިގު މުއްދަތަކަށް ސިއްޙަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވޭނެއެވެ.
ބަލި ފެތުރޭ ގޮތްތައް
- ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން
- ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުން
- އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް ފެތުރުމުގެ ފުރުސަތު އޮވޭ
- އެޗްއައިވީ ވައިރަސް ހުރި ލޭ އެޅުން
އެޗްޕީއޭއިން އަދި އިތުރަށް ބާރުއަޅަނީ ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުމަށެވެ. އެގޮތުން މައިމީހާގެ ހަށިގަނޑުގައި އެޗްއައިވީ ވައިރަސް ހުރިނަމަ، އަވަހަށް ފަރުވާ ފެށުމުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުން ހުއްޓުވޭނެއެވެ.