އަދަބުތައް އިތުރަށް ހަރުކަށިކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅަން ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދެވެ. ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި މި ބިލްގައި އަދަބުތައް ހަރުކަށި ކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް އިތުރު ބާރުތައް ވެސް ވަނީ ދީފައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވެ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށްޓަކައެވެ.
މި ބިލުން ހާސިލުކުރަން ބޭނުންވާ ހަތް ކަމެއް ބިލްގައި ވަނީ ފާހަގަކޮށްފައެވެ.
- ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން.
- މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން.
- ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން.
- ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން.
- އެ ނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.
މި ބިލްގައި 10 އަހަރާއި 20 އަހަރުދުވަހަށް ޖަލަށްލުމަށް ވަނީ ބިލްގައި އަދަބުތައް ހިމަނައިފައެވެ. އޭގެ އިތުރުން 10،000 ރުފިޔާ އިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމަށްވެސް ވަނީ ބިލްގައި ހިމަނައިފައެވެ.
މި ބިލުގައި ކަމާ ގުޅުން ހުރި އިދާރާތަކަށް ލިބިދޭ ބާރުތައް ވެސް އިތުރަށް ހަރުކަށިކޮށްފައިވެއެވެ.