ދާއިމީކޮށް ކާންޖެހޭ ބޭހަށް ފައިސާ ދޫކުރުން ހުއްޓާނުލާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިގޮތަށް ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ދާއިމީކޮށް ބޭސް ބޭނުންވާ ފަރާތްތަކަށް އާސަންދަ އަދި އެންސްޕާގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެއެވެ.
މިނިސްޓަރ ވަނީ ބައެއް ފަހަރު ބޭސް ލިބުން ލަސްވަނީ ސްޓޮކުގައި ނެތުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ދާއިމީ ބޭހަށް ދޭ އެހީ އެއްވެސް ގޮތަކަށް ކަނޑާނުލާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
“ދާއިމީކޮށް އެއްވެސް ބޭހެއް ބޭނުން ކުރާ މީހަކަށް ވެސް އަދި އާސަންދައިން އަދި އެންސްޕާއިން ކުރާ ހަރަދަކަށް ދަތިވެގެން އަދި ފައިސާ ދޫނުކޮށެއް ނުހުންނާނެ،” މިނިސްޓަރު ވިދާޅުވިއެވެ.