ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ އަރިހަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަންގް ލިކްސިން ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެ ކަމަނާގެ އިސްނެންގެވުމާ އެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ރާއްޖޭގެ އެކި ދާއިރާތަކަށް ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.
ސަފީރު ވޮންގް ވަނީ، މި ސަރުކާރުގެ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، އިޖާބީ ކުރިއެރުންތައް ފާހަގަކުރައްވައި އެ ކަންކަމަށް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާކޮށްފައިވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، ހިއްސާކުރާ މަސްލަޙަތުތަކުގެ ތަރަހައިގެ މަތީގައިކަން ވެސް އެ ކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާއިން ފަށާފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވައި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުންމަޝްވަރާކުރެއްވިއެވެ.