ދައުލަތުގެ ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާއާ ބެހޭ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ދެ ބިލަކީ ވެސް މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދެ ބިލެވެެ.
ފިސްކަލް ޒިންމާގެ ބިލަށް ބަލާއިރު ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވައިފައިވަނީ މިހާރު ޢަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތާރަފުކޮށް ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނިވި ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި ދަރަންޏާ ބެހޭ ބިލަކީ ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ހަރަދުކުޑަވާނެ ގޮތަކަށް، ރާއްޖޭގެ އެތެރެއިންނާއި ރާއްޖެއިން ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރިކުރުވުމުގެ މަގުސަދުގައި އެކުލަވާލި ބިލެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މި ދެ ގާނޫނަށް އަމަލުކުރަން ފަށާނީ ރައީސް ބިލް ތަސްދީގު ކުރެވުމަށް ފަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ހަމަސްދުވަސް ފަހުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.