ޗައިނާ ސަރުކާރުން ކ. ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ. މި ހަދިޔާ ދިވެހި ސަރުކާރާ ހަވާލުކޮށްްފައިވަނީ އިއްޔެ ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޗައިނާ ސަފީރު ވާން ލިޒިންގެ އިސްނެގުމަކަށް ދިން މި ހަދިޔާ، ދިވެހި ސަރުކާރުގެ ފަރާތުން ބަލައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ.
މި ރަސްމިއްޔާތުގައި ސަފީރު ވާން ލިޒިން ވިދާޅުވީ މިއީ ދެ ގައުމުގެ ވެރިންގެ މަޝްވަރާތަކުގެ ނަތީޖާއެއް ކަމަށާއި، ރައީސް މުޢިއްޒުގެ ޗައިނާ ދަތުރާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައި ކަމަށެވެ.
އަދި ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވީ ކައުންސިލްތަކުގެ ދަތިތަކަށް ލުއިގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި، މިކަމުގައި ޗައިނާގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށެވެ.