21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ޒުވާނުންނަށް ގޮވާލައްވައިފިއެވެ.
މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިޒަމާނުގައި ޤައުމުތައް ސުންނާފަތިކުރުމަށް ބޭނުންކުރަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ކަމަށާއި، މިފަދަ ނުރައްކާތަކުން ދިފާޢުވުމަށް އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމަށެވެ.
ނައިބު ރައީސް ވަނީ މިއަދުގެ ދުނިޔެ ކުރިމަތިލައިފައިވާ ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރުމަށް ދިވެހި ޒުވާނުންނަށް ގޮވާލައްވާފައެވެ. އަދިީ 21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް، އަދުގެ ކޮންމެ ބޭފުޅަކަށްވެސް އިލްތިމާސްކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުމަކީ ޤައުމެއްގެ އިޖުތިމާޢީ ބިންގަލަށް ދާއިމީ ގެއްލުމެއް ލިބޭ ކަމެއް ކަމަށާއި، މީގެ ސަބަބުން އިޖުތިމާޢީ އެއްބައިވަންތަކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ގެއްލުންވެ، ދޮގު މަޢުލޫމާތު ފެތުރިގެންދާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ހައިބްރިޑް ހަނގުރާމައިން ދިފާޢުވުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، ސައިބަރ ރައްކާތެރިކަމުގެ ތަމްރީނުތައް ދިނުމާއި، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދިނުމާއި، އެކި ގޮތްގޮތުން ފެތުރޭ ދޮގު މަޢުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ޤައުމީ މަޞްލަޙަތަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކާއެކު އުޚުއްވަތްތެރިކަމުގެ ވިއުގައެއް ޤާއިމުކުރެވެމުންދާ ކަމަށާއި، ދިވެހި އަސްކަރީ ބާރުވެރިކަމާއި ސަލާމަތީ ޚިދުމަތްތައް އިތުރަށް ވަރުގަދަކުރެވެމުންދާ ކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.