މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން “ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން” އަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި، 50 އިންސައްތަ ‘ކޮންޓްރޯލްޑް އެސެސްމަންޓް’ ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުން ލާޒިމުކުރުން ހިމެނެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މި ބަދަލުތައް ގެނެވިފައިވަނީ އެސައިންމަންޓްތައް އެހެން މީހުން ލައްވައި ހެދުން ހުއްޓުވުމަށެވެ. އަދި މި ބަދަލުތަކާ އެއްގޮތަށް، އެއްވެސް މޮޑިއުލްއެއް ހަމައެކަނި އެސައިންމަންޓްތަކުގެ މައްޗަށް ބިނާވެގެން ނުވާނެއެވެ.
މީގެ އިތުރުން، މަތީ ތައުލީމުގެ ޤާނޫނަށް ވެސް ބަދަލުތަކެއް ގެނެވި، އެސައިންމަންޓް ހަދައިދޭ ފަރާތްތަކާއި އެސައިންމަންޓް ހުށަހަޅާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ ގޮތް ހަމަޖެހިފައިވެއެވެ.
މި އައު ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މަތީ ތައުލީމުދޭ މަރުކަޒުތަކަށް ކުރިން އެޕްރޫވަލް ދެވިފައިވާ ކޯސްތައް ވެސް މި އައު ގައިޑްލައިންތަކާ އެއްގޮތަށް ބަދަލުކުރުމަށް އަންގާފައިވެއެވެ.