ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާދަމާ ކުޑަކުދިންގެ ޚާއްޞަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މި ހަވީރަކީ ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާލުމަށް ބުރަކޮށް މަސައްކަތްކުރި މުވައްޒަފުންގެ ހިތްވަރާއި، ޖޯޝާއި، މަސައްކަތުގެ ނަމޫނާ އަޚްލާޤު ފާހަގަކުރުމުގެ ކުރުމުގެ ގޮތުން ބާއްވާ ހަވީރެކެވެ.
މީގެ އިތުރުން، މި ހަވީރަކީ އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ ޢާއިލާތަކަށް ދައްކާލުމުގެ ފުރުޞަތެއް ކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަލަށް ނިމުނު ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައި ކަމަށެވެ. އަދި މި ހަވީރުގެ ޙަރަކާތްތައް ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށް ކަމަށާއި، ދެވަނަ ދަންފަޅި ކުރިއަށްދާނީ ރޭގަނޑު 20:00 އިން 21:30 އަށް ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
މި ހަވީރަކީ ހަމައެކަނި ސްޓެލްކޯގެ މުވައްޒަފުންގެ ޢާއިލާތަކުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަވީރެއް ނޫން ކަމަށާއި، ހުރިހާ ކުޑަކުދިންނަށް ހުޅުވާލައިގެން ބާއްވާ ހަވީރެއް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. އެހެންކަމުން، މި ހަވީރުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ކުޑަކުދިންނަށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.