މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިއްޔެ ބޭއްވުނު އަޑުއެހުމުގައި ރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފިއެވެ. މި މައްސަލައަކީ އދ. ގެ އާންމު މަޖިލީހުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
މި އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބަންޑާރަނައިބު އަހްމަދު އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައިވެއެވެ.
ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ގައުމުތަކަށް އެހީވުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ބަޔާންކުރައްވާފައިވެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތްކުރުމުގައި އަދި ދިވެހި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށެވެ.