މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އައު ދައުރަށް މިއަދު މެންބަރުން އިންތިޚާބުކޮށްފިއެވެ. ޔޫތު މިނިސްޓްރީން ބޭއްވި މި އިންތިޚާބުގައި މީޑިއާތަކުން ތަމްސީލުކުރާ މެންބަރުންނާއި އާންމުންގެ ތެރެއިން ތަމްސީލުކުރާ މެންބަރުން ހޮވާފައިވެއެވެ.
މީޑިއާތަކުން އިންތިޚާބުވި މެންބަރުންގެ ތެރޭގައި ފާތިމަތު ޝަނާ މުޙައްމަދު (މިހާރު)، ނަޖާޙު މަސްއޫދު (ވަގުތު)، ޙަސަން ޝާކިރު (އާފަތިސް)، ޙަފްޞީ ޢަބްދުﷲ (ޙަފްޞީ.ކޮމް)، ޙުސައިން ޝަގީފް (ތިލަދުން)، ޙުސައިން ޙަސަން (ހަތާވީސް އޮންލައިން) އަދި ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް) ހިމެނެއެވެ.
އާންމުންގެ ތެރެއިން އިންތިޚާބުވެފައިވަނީ އިބްރާހީމް ފައުޒީ، ފާތިމަތު ފަހުމީ އަދި އިބްރާހީމް މުޙައްމަދުއެވެ.
ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގައި 139 މީޑީއާއަކުން ވަނީ ވޯޓުލާފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަކީ ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓްކުރުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ. އެމްއެމްސީގެ އިންތިހާބު ބާއްވާފައި މިވަނީ އެމްއެމްސީގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާތީއެވެ.