ރައްޔިތުންނަށް ދެމުންދާ ސަބްސިޑީ، ޕެންޝަން އަދި އާސަންދަ ފަދަ އެއްވެސް އިނާޔަތެއް ނުކަނޑާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ. މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަސާސީ ޚިދުމަތްތަކަށް ސަރުކާރުން ދެމުންދާ އެއްވެސް ސަބްސިޑީއަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި އާސަންދަ އާއި ޕެންޝަން ފަދަ ރައްޔިތުންނަށް ސަރުކާރުން ދޭ އެއްވެސް އެއްޗެއް އުނިނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއެއް ވެސް ނުކަނޑާނަން. އާސަންދައެއް ވެސް ނުކަނޑާނަން. ރިޓަޔަރމަންޓް ޕެންޝަނެއް ވެސް ނުކަނޑާނަން. އަދި އެއަށްވުރެ ރަނގަޅުކޮށްދޭނީ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާސަންދަ ކަނޑާނުލައި ސަރުކާރުން ކުރާނެ ކަމަކީ އެއިން ބަޔަކު ނަގަމުންދާ ނާޖާއިޒު ފައިދާތައް ހުއްޓުވައި އެ ޚަރަދުތަށް އުނިކުރުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓު ވިޔަނުދީ، ގައުމަށް އިގުތިސާދީ ގޮތުން ތަރައްގީ ގެނެސް، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގަމުން ކުރިއަށްގެންދިޔުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އެއްގޮތަކަށްވެސް އާންމު ރައްޔިތުންގެ އާސަންދައަކުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެ. އެހެންވީމަ މިގޮތަށް އާސަންދަ ރިފޯމު މި ކުރަނީ. އެހެންވީމަ ވަރަށް ބޮޑުތަނުން އިސްރާފު އެބަ ކުޑަވޭ. އެހެންވީމަ މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ކުރާނީ،” ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސްކުރި 56.6 ބިލިޔަން ރުފިޔާގެ ބަޖެޓުގައި ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފަ އެވެ.