ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ވާހަކަ ދެއްކެވީ އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ މަގުސަދު ހިއްސާ ކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ސިޔާދަތީ ބާރާއި އެ ބާރު ހިނގާ ސަރަހައްދު ކަނޑައެޅުމާއި، ރައްޔިތުންގެ ބާރާއި ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ދައުލަތް ހިންގުމުގެ ނިޒާމު އެކަށައެޅުމެވެ. އަދި ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވަނީ ރައްޔިތުންގެ ދިފާއުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ބަދަލު ގެނައުމަށް މިހާރު ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ 3/4 ގެ އަޣުލަބިއްޔަތުގެ އިތުރުން 143،332 ރައްޔިތުންގެ ރުހުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ބޭރުގެ އަސްކަރީ ހަރަކާތްތައް ހިންގުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކަށް ގެނެވުނު ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ބަދަލުތަކުން ހިމާޔަތްކޮށްދެނީ ރައްޔިތުންގެ ހައްގުތައް ކަމަށެވެ. މެންބަރުން އިންތިޚާބުވުމަށްފަހު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވެފައިވާ އަހުދު ހިމާޔަތްކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓު ހޯދަންޖެހޭ ހާލަތްތަކުގައި، ކުރިން މަދު ބައެއްގެ އަތުގައި އޮތް ބާރު މިހާރު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކަށްވެސް ބަދަލު ގެނެވި، ދިގު އަދި ކުރު ރާސްތާގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއާ މަތިކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
މި އިޞްލާޙުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، ޤައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ދައުރު ފުޅާވެގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ބަދަލުތަކަކީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.