މަސްވެރިންނަށް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ކ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ކ. ގާފަރު ރައްޔިތުންނާ މުޚާތަބުކުރައްވަމުން ރައީސް މުޢިއްޒު ވަނީ މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ހަތަރު ސައިޓަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެކަމަށް ވިދާޅުވެފައެވެ.
އަދި މިއީ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އެފްއެސްއެމްގެ ހަތަރު ސައިޓަކީ:
1. ހިންމަފުށި
2. ކޫއްޑޫ
3. ފެލިވަރު
4. އައްޑޫ ސިޓީ ހުޅުދޫ
މީގެއިތުރުން، ކޫއްޑޫ އަދި ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުފަހަރަށްވެސް މި އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.