ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ރާއްޖޭގެ މަސްވެރިންނަށް ހޫނު މަރުޙަބާއެއް ދަންނަވައި، މަސްވެރިންނަށް އަވަސް މުއްދަތެއްގައި ފައިސާ ދިނުމުގެ ނިޒާމު ޤާއިމުކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އަބްދުއްރަޙީމް ވިދާޅުވެފައިވަނީ “ދިވެހިރާއްޖޭގެ ފަޚުރުވެރި މަސްވެރިންގެ ދުވަހުގެ ހެޔޮއެދުންގެ ހެޔޮއެދުންތައް، ރާއްޖޭގެ ހީވާގި މަސްވެރިންނާއި، މަސްވެރި އާއިލާތަކާއި، އޮޑިވެރީންނާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް، ހިތުގެ އިޚްލާޞްތެރިކަމާއިއެކު އަރިސް ކުރަމެވެ” މިފަދައިންނެވެ.
މީގެއިތުރުން، އަބްދުއްރަޙީމް ވަނީ މަސްވެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި، އެބައިމީހުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ މަގު ފަހިކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފައިވެއެވެ.
މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ބީއެމްއެލްގައި އެކައުންޓު ހުޅުވާފައިވާ ދޯނިތަކަށް 48 ގަޑިއިރު ތެރޭ ބިލަށް ފައިސާ ޖަމާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މަސްވެރިން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.