އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ބަސްތަކަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހޫނު ރައްދެއް ދެއްވައިފިއެވެ.
“އެކްސް”ގައި ނައިބު ރައީސް ވިދާޅުވީ ތާރީޚުން ލިބޭ ފިލާވަޅުތަކުން އަޅުގަނޑުމެން ދަސްކުރަންވާނީ އެއްބައިވަންތަކަން ކަމަށާއި، ބައިބައިވުމާއި ހަމަނުޖެހުމުގެ ސަގާފަތެއް އާލާކުރުމެއް ނޫން ކަމަށެވެ.
ނައިބު ރައީސް ވަނީ ހަމަނުޖެހުމަށް ގޮވާލުމަކީ ޤާނޫނުގެ ވެރިކަމަށް ގޮންޖެހުން ކަމަށާއި، ޑިމޮކްރެޓިކް އަދި އިސްލާމީ އަގުތަކާ ޚިލާފުވުން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ގޯސްކަމެއް އިއްޔެވެސް، މިއަދުވެސް އަދި އަބަދުވެސް ވާނީ ގޯސްކަމަކަށެވެ.
“ލީޑަރޝިޕްގެ މަޤްޞަދަކަށް ވާންޖެހޭނީ އަމާންކަން ގެނައުން. ހަމަނުޖެހުމެއް ނޫން.” ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރަކު ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނުމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މި ބަސްތައް ދިފާއުކުރައްވަމުން ވިދާޅުވެފައިވަނީ އެއީ ނަސޭހަތެއްގެ ގޮތުގައި ބުނެފައިވާ އެއްޗެއް ކަމަށެވެ.
ފައްޔާޒް ވަނީ “ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،” ކަމަށް ވިދާޅުވެފަ އެވެ.