އާސަންދައިގެ ދަށުން ބޭސްފަރުވާއަށް މީހުން ފޮނުވުމަށް ތައިލޭންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އާސަންދަ ކުންފުނިން މިއަދު ތިން ބޮޑު ހޮސްޕިޓަލަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އާސަންދަ ކުންފުނިން މިކަން ހާމަކޮށް މިއަދު ވަނީ މި ޚިދުމަތް އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ.
އެ ކުންފުންޏާއެކު މިއަދު ސޮއިރި ފަރާތްތަކަކީ ޔޫއޭއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލެވެ. މި އެއްބަސްވުންތަކުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާއެވެ.
އާސަންދަ ކުންފުނިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލުގެ ތެރެއިން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް މީހުން ފޮނުވަން ފަށާނެއެވެ.
ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމަށް ނިންމަވައި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިހާތަނަށް އާސަންދަ ލިބެމުން އައީ ހަމައެކަނި އިންޑިއާ އާއި ސްރީ ލަންކާއަށެވެ.