މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީ ނަމަވެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުންތަކަށް މި ހާދިސާގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީން ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ބަލަހައްޓަމުން ގެންދަނީ ޑިޖިޓަލްކޮށް، މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގ ޚިދުމަތުގައި ކަމަށެވެ. އެހެންކަމުން، މި ލިޔެކިޔުންތަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް މިނިސްޓްރީން ޔަގީންކޮށްދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ދެމުން، މިނިސްޓްރީން ފާހަގަކޮށްފައިވަނީ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން ވަނީ އަލިފާނުގެ އަސަރު ނުކުރާ ބައެއް ލިޔެކިޔުންތަކާއި ފަރުނީޗަރު އިމާރާތުން ނެރެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، ސަލާމަތްކުރެވުނު ތަކެތީގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާ ހިނގި ސަބަބު އަދި އެނގިފައެއް ނުވެއެވެ.