މަސްވެރިންގެ ދުވަހުގެ ޖަލްސާއާއި ރެހެންދި އެވޯޑް ހަފްލާ ފަސްކޮށްފިއެވެ. މަސްވެރިންގެ ދުވަހުގެ ޖަލްސާއާއި ރެހެންދި އެވޯޑް ހަފްލާ ފަސްކޮށްފައިވަނީ މާލޭގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައިވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް 44 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާ ފަސްކުރައްވާފައިވާކަމަށެވެ. އަދި މިޖަލްސާއަށް ދަޢުވަތު އަރުވާފައިވާ ފަރާތްތަކަށް ދެން ޖަލްސާ އޮންނާނެ ތާރީޚެއް އަންގަވާނެކަމަށްވެސް އެވުޒާރާއިން ހާމަކުރެއެވެ.
މީގެ އިތުރުން އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިމަހުގެ 15ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް 10ވަނަ ރެހެންދި އެވޯޑް ދިނުމުގެ ހަފްލާވެސްވަނީ ފަސްކުރައްވާފައެވެ. މިހަފްލާވެސް ބާއްވާނެ ތާރީޚެއް މިހަފްލާއަށް ދަޢުވަތު އެރުވިފައިވާ ފަރާތްތަކަށް ފަހުން އަންގަވާނެ ކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ސަރުކާރުގެ ތިން ވުޒާރާ ކަމަށްވާ ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ޙަކަތައާއި ބެހޭ ވުޒާރާއާއި، ގެދޮރުވެރިކަމާއި ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ ހިންގާ ގްރީން ބިލްޑިންގ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މިވުޒާރާތަކުން ދެމުން ގެންދިޔަ ޚިދުމަތް މެދުކެނޑިފައިވާި ނަމަވެސް އެޚިދުމަތްތައް ދެވޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެވުޒާރާތަކުން ވަނީ ވިދާޅުވެފައެވެ.