ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށް، އާދިއްތަ ދުވަހުން ފެށިގެން އެތަނުން ޚިދުމަތް ދޭން ފަށާނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ދަރުބާރުގޭގައި ވުޒާރާތަކުގެ ސެޓްއަޕްތައް ހަދަމުންދަނީ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެގޮތަކަށް ކަމަށެވެ. އަދި ދަޢުލަތުގެ ގިނަ މަޢުލޫމާތުތަކެއް ގެއްލިގެން ނޫޅޭކަމަށާއި މިހާރުވެސް ގެއްލިދާނެކަމަށް ބެލެވޭ މަޢުލޫމާތުތައް ރިކަވަރ ކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިހާރު ބަލަން މިޖެހެނީ ހިސްޓޮރިކަލް މަޢުލޫމާތުތައް އަދި ފާއިތުވި މުއްދަތުގައި ކުރި މަސައްކަތްތަކާ ގުޅުން ހުރި ޑޭޓާތަކުގެ ތެރެއިން އަޅުގަނޑުމެންނާ ގެއްލުންވީ ކިހާވަރެއްތޯ. އޭގެ ތެރޭގައި އަޅުގަނޑުމެންނަށް ސައިޓް ތެރޭގައި ހުރި ސަރވާތަކުން ސްޓޯރޭޖް ނަގައިގެން ރިކަވަރ ކުރެވޭ އެއްޗެހިތަކެއް ހުރިތޯ ނުވަތަ ނޫންތޯ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ އާންމު ބޯހިޔާވަހިކަމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ގެއްލިފައިނުވާ ކަމަށެވެ. އަދި ހައުސިންގް ލޯނުތަކާ ބެހޭ މައުލޫމާތުތައް ވެސް ކްލައުޑްގައި ރައްކާކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ވަރަށް ބޮޑަށް ފެތުރިގެން އެބަދޭ، ބައެއް ޑޭޓާ ތަކާ އެއްޗެހި ގެއްލިގެން ދިޔަ ވާހަކަ. ދައުލަތުގެ އިދާރާތަކުގެ ޑޭޓާތައް. މިހާތަނަށް އަޅުގަނޑުމެން ބެލި ބެލުމުން އަޅުގަނޑުމެން އަތުގައި ފުދޭ ވަރެއްގެ ގިނަ ޑޭޓާތައް އެބަ ހުއްޓޭ ސްޓޯ ކުރެވިފައި، ބެކަޕް ހ ބެކަޕް ހެދިފައި،” މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ދަނޑިވަޅުގައި އެންމެ ބޮޑަށް އިސްކަން ދެނީ ޑޭޓަރތައް ރިކަވަރ ކުރުމުގެ މަސައްކަތުގެ އިތުރަށް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ޚިދުމަތްތައް ދިނުމަށްކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.