ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ، މި ހާދިސާގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
“މި ވަގުތުގައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން. އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މި އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޓީމުން އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް އެބަ ކުރަން,” ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި، މި ހާދިސާއަކީ ބޮޑު އަލިފާނުގެ ހާދިސާއަކަށްވެފައި، އެކަން ހިނގި ގޮތް ރައްޔިތުންނަށްވެސް އެނގެން ބޭނުންވުމާއި ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މުހިންމު މައުލޫމާތުތަކެއް ހޯދުމަށްޓަކައި މި ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކް ޓީމުން މިހާރު އިމާރާތް ހުރި ތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖް ނަގައި، އެނެލިސިސް ހެދުމުގެ މަސައްކަތާއި އިމާރާތުން ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެންމެ ފުރަތަމަ މަންޒަރު ދުށް މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އެ ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބޭނެކަމަށް ގަބޫލުކުރެވޭ ފަރާތްތައް ހޯދައި ސުވާލުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ފަސޭހަ ގޮތެއް ހަމަޖައްސައި އިއުލާންކުރާނެ ކަމަށެވެ. އަދި ތަހުގީގުގެ ނަތީޖާ ރައްޔިތުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަންވެސް ސީޕީ ދެއްވިއެވެ.