ރޭ މެންދަމު 12:00 އިން ފެށިގެން ރާއްޖޭގައި ވޭޕް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި އެ ބޭނުން ކުރުން މަނާވެއްޖެއެވެ. ވޭޕް މަނާވެގެން ދިޔައީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެންނެވެ.
މި އިސްލާހުގެ ދަށުން، ރޭ މެންދަމު 12 އިން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި އެ ބޭނުންކުރުން މަނާވެގެން ދާނެއެވެ. މީގެ އިތުރުން، ވޭޕާއި ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއެކު އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރުމަށް ނިންމަވާފައެވެ. މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އިސްލާހުކޮށް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
މި ޤާނޫނުގެ ދަށުން، ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، އޭގެ އެއްވެސް މުޢާމަލާތެއް ކުރުމަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން:
ވޭޕް ބޭނުންކޮށްފިނަމަ 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
ވޭޕް ވިއްކާ ކޮންމެ މީހަކު 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
ވިއްކާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
ހިލޭ ވެސް ވޭޕެއް ދީފިނަމަ 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
މިހާރު ވެސް ދުނިޔޭގެ 30 އަށް ވުރެ ގިނަ ޤައުމުގައި ވޭޕް މަނާކޮށްފައިވާ އިރު، މި ސަރަހައްދުގެ 11 ޤައުމުގެ ތެރެއިން ހަތް ޤައުމެއްގައި ވޭޕް މަނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ނިންމެވުން ނިންމެވީ ޤައުމުގެ ރައްޔިތުންގެ މެދުގައި ހަރުދަނާކަމާއި ހުނަރުވެރިކަމާއި އުފެއްދުންތެރިކަން އަށަގެންނެވުމަށާއި، ދުޅަހެޔޮކަމާއި ޚުލްޤުވެރިކަމާއި މުރާލިކަން ދިވެހިންގެ މެދުގައި އިތުރުކުރުމަށް ކަމަށް ބެލެވެއެވެ.