ދައުލަތުގެ އިދާރާތަކުން ސްކޫލް ކުދިން ބައިވެރިކޮށްގެން ހިންގާ ހަރަކާތްތަކަށް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފިއެވެ.
ސްޓޭޓް މިނިސްޓަރ އަޙްމަދު މުޙައްމަދު ސޮއިކުރައްވާފައިވާ ސާކިއުލާ ނެރެފައިވަނީ ބައެއް އިދާރާތަކުން ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ނުހިމަނައި އަދި މިނިސްޓްރީއާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ނުކޮށް އެކިއެކި ހަރަކާތްތަކާއި މުބާރާތްތައް ރާވަމުންދާތީއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުދިންގެ އުނގެނުމަށާއި، ޓީޗަރުންނާއި ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ކުއްލިއަކަށް ރޭވޭ މިފަދަ ހަރަކާތްތަކުގެ ސަބަބުން ސްކޫލްތަކާއި ބެލެނިވެރިންނަށް މާލީ ބުރަ ބޮޑުވެ، ސްކޫލްތެރޭގައި ނުތަނަވަސްކަން އުފެދޭ ކަމަށްވެސް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީން އަންގާފައިވާ ގޮތުގައި، ދައުލަތުގެ އިދާރާތަކުން ސްކޫލް ކުދިން ބައިވެރިކޮށްގެން ހިންގާ ހަރަކާތްތައް ވާންޖެހޭނީ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިފައިވާ ހަރަކާތްތަކަށެވެ. އަދި މިފަދަ ހަރަކާތްތައް ހިންގަންވާނީ ކުދިންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށެވެ. ހަމައެހެންމެ، ދިރާސީ އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށްވެސް އަންގާފައިވެއެވެ.
މި އައު އުސޫލުގެ ދަށުން، ސްކޫލްތަކާ މުޢާމަލާތްކުރަންވާނީ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށްވެސް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.