ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2024 ޑިސެންބަރު 9 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ސައިބަރ ކުށްތަކާއި ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ ކުށްތައް އިތުރުވަމުން ދިއުމާ ގުޅިގެން، މިފަދަ ކުށްތައް ހުއްޓުވުމަށް އެހެން ޤައުމުތަކާއެކު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އިޖުރާއަތުތައް ކަނޑައެޅުމެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކް ހެކި ހޯދުމާއި، ކޮމްޕިއުޓަރ ޑޭޓާ ޕްރިޒަރވްކުރުމާއި، ޓްރެފިކް ޑޭޓާ ހާމަކުރުމާއި، ކޮމްޕިއުޓަރ ޑޭޓާއަށް އެކްސެސްވުމާ ގުޅޭ އުސޫލުތައް ހިމެނެއެވެ.
އަދި މި ބިލުގެ ދަށުން، ކޮމްޕިއުޓަރ ޑޭޓާއާ ގުޅޭ ކުށްތަކާއި އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ކުށްތަކާ ގުޅިގެން ހިންގޭ ތަޙްޤީޤުތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް 7/24 ނެޓްވަރކެއް ޤާއިމުކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.