ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒުގެ ނިންމެވުންތަކުން ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަން ސާފުކޮށް އެނގޭކަމަށެވެ.
މިނިސްޓަރު “އެކްސް”ގައި މިހެން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ފަރާތްތަކަށް ގޯތި ދޫކުރި މައްސަލަ ބެލުމަށް ސަރުކާރުން ފިޔަވަޅު އަޅަން ފެށުމާ ގުޅިގެންނެވެ. މި މައްސަލައިގައި އެޗްޑީސީގެ ބޯޑު މެންބަރުންނާއި އިސް މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ވެސް ވަނީ މަޤާމުން ސަސްޕެންޑް ކޮށްފައެވެ.
މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަން މަދުކުރެވޭނީ ހުރިހާ މުއައްސަސާތަކަކުންނާއި ރައްޔިތުން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކަށް “ނޫނެކޭ” ބުނެގެން ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ހިތްވަރު އެންމެންގެ ކިބައިގައި ހުންނަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދުވަސްވަރުން ފެށިގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ވެރިކަމާ ހަވާލުވުމަށްފަހުވެސް މިކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވަނީ ފުލުހުންނާއި އޭސީސީއަށް ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަޙްޤީޤެއް ހިންގުމަށް އަމުރުކުރައްވާފައެވެ.