ކަރަންޓުގެ ޚިދުމަތްތެރިން ވަނީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ އަލިމަސް ޔޫބީލްއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވަނީ ކަރަންޓުގެ ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު ފަޚުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާޞިލުވުމުގައި، އެ ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރު މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ފަހުމީ ޝުކުރު އަދާކުރެއްވިއެވެ.
ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި މި ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށެވެ. އަދި މި ޤައުމީ ޚިދުމަތުގައި މާތްﷲ ބަރަކާތްލައްވައި އިތުރު ފާގަތިކަން މިންވަރުކުރެއްވުމަށް ދުޢާ ކުރެއްވިއެވެ.