ހައުސިންގ މިނިސްޓްރީގައި ދާދިފަހުން ހިނގި އަލިފާނުގެ ބޮޑު ހާދިސާ ތަޙުޤީޤުކުރުމަށް އިންޑިއާގެ މާހިރުންގެ ޓީމެއް ރާއްޖެ އައިސްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު މިއަދު ހާމަކުރައްވައިފިއެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:30 ހާއިރު ހިނގި މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ ޓިނު ބިލްޑިންގއާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަލިފާން ކޮންޓްރޯލްކުރެވުނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ކޮމިޝަނަރ ޝުޖާޢު ވިދާޅުވިގޮތުގައި އިންޑިއާގެ ހާއްސަ ޓީމުން މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ތަޙުޤީޤުގައި ހަރަކާތްތެރިވަމުންނެވެ. މީގެ ކުރިން ސީޕީ ވިދާޅުވެފައިވަނީ މި ހާދިސާގެ ތަޙުޤީޤަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.
ހާދިސާގެ މަންޒަރު ދުށް ބައެއް ފަރާތްތަކުގެ ބަޔާންތައް މިހާރު ނަގާފައިވާ ކަމަށާއި، އަދި ހާދިސާގެ މަޢުލޫމާތު އެންމެ ފުރަތަމަ ލިބުނު ކަމަށް ބެލެވޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މި ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ކުރާނެ ކަމުގެ ޔަޤީންކަން ކޮމިޝަނަރ ޝުޖާޢު ވަނީ ދެއްވާފައެވެ.