އެމްޑީޕީ ސަރުކާރުން ރާއްޖެއަށާއި ރައްޔިތުންނަށް ޚިޔާނަތްތެރިވެފައިވާ ކަމަށާއި ދެވަނަ ފަހަރަށް އެކަން ތަކުރާރު ކުރަން ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި މަމްދޫހު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުން އަޅުވެތިކޮށް ގައުމު ދަރުވާލި ކަމަށާއި ހިޔާނާތްތެރިންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށެވެ. ޕީއެންސީގެ ބޮޑު ލަޝްކަރު ނުކުމެ ތިބީ ރައްޔިތުންގެ ޚިދުމަތުގައިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ކަންތައް ބައްޓަން ކުރީ ސަރުކާރުގެ އިސްވެރިންނަށް ނަފާ މަންފާ ލިބޭ ގޮތަށް ކަމަށެވެ. ރައްޔިތުން ބިކަކޮށް ހާލުގައި ޖައްސާލިކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ނިމިދިޔަ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް ޤާނޫނުތަކުގެ ބާރު ކަނޑުވާލާ ޤާނޫނާ ޚިލާފަށް އެތައް ކަމެއް އެމްޑީޕީން ކޮށްފައިވާކަން މަމްދޫހު ފާހަގަކުރެއްވިއެވެ. އަދި އޭރުގެ ވެރިން ބޭނުންވީ ސިޔާސީ ވެރިންގެ ފައިބުޑަށް ގޮސްގެން ރައްޔިތުން ކަންކަން ކުރުވާނެ މަގަށް ހުރިހާ ކަންކަން ބައްޓަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.