ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއާއިއެކު ރާއްޖެއަށް މިއަހަރު ގެނައުމަށް އަމާޒުކަނޑައަޅާފައިވާ އަދަދުކަމަށްވާ 2 މިލިޔަން ފަތުރުވެރިންގެ އަމާޒު ހާސިލްވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ރެކޯޑެއް ވަނީ ހެދިފައެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔާފައިވަނީ ދިވެހި ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކުގައެވެ. މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިޔާގެ އަންހެނެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ފިރިމީހާއާއި 2 ކުދިންނާއެކުގައެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.