މި ފެށޭ އައު އަހަރުގެ ފުރަތަމަ ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުން ގޯސްވާނެކަމުގެ އިންޒާރާއެކު މޫސުމާބެހޭ ޤައުމީ އިދާރާއިން ޢާންމުން ސަމާލުވުމަށް ކުރި އިލްތިމާސްގައި ބުނީ، ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި، އެކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާރ ޓްރަފުގެ ސަބަބުން އައު އަހަރުގެ ބަންދުގައި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށެވެ.
އެގޮތުން ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވަޔާއި ކަނޑުތައް ގަދަވާނެކަމަށް އެއިދާރާއިން ހާމަކުރެއެވެ. އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުޞަތުވެސް އެބައޮޮތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ވައި ޖެހޭނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް، އުތުރާއި އިރުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއިރަކު 15 މެލާއި 25 މޭލާ ދެމެދުގެ ބާރުމިނުގިކަމށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެހެންކަމުން ޢާންމުކޮށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭނީ ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން އަދި ޢާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.