ކުރިއަށް އޮތް ހަތަރު ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލާފާކުރެވޭތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ކަނޑުދަތުރު ކުރުމުގައި އަބަދުވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދަންވާނެ ކަމަށެވެ. އަދި އުޅަނދުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީން ކުރުމާއެކު އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުން ނޭރުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އުޅަނދަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރު ނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
މޫސުން ގޯސްވާނެކަމުގެ ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޢާންމުން ސަމާލުވުމަށް ކުރި އިލްތިމާސްގައި ބުނެފައިވަނީ، ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި، އެކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާރ ޓްރަފުގެ ސަބަބުން އައު އަހަރުގެ ބަންދުގައި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.