އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ޢައްޔަންކުރެއްވި ސަފީރު ބާލަސުބްރަމާނިއަންއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި، އިންޑިއާ ސަފީރު ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގެ އަޑުގައި، ހެވިކަމުގެ ލަޝްކަރީންނާއެކުގައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރްގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މީގެއިތުރުން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ތަރައްޤީގެ މަގުގައި އެއްބާރުލުންދިނުމާއި، އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓުތައް އިތުރުކުރުމާއި، އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުން ހިމެނެއެވެ.
އަދި ބައްދަލުވުން ނިމުނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމުގެ ޢަޒުމް އައުކުރައްވަމުންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.