މައްކާގައި ހާލުގައި ޖެހިފައިވާ ދިވެހި އުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ 3 ކުދިން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
“އަލްހިޖްރަ” ކިޔާ ކުންފުންޏެއްގެ ހަވާލުގައ އުމްރާއަށް ދިޔަ 24 މީހުންނަށް ރާއްޖެ ނާދެވި އެކަން ވަނީ ސަރުކާރުގެ ސަމާލުކަމަށް އައިސްފައެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް ތިބިއިރު، އެ މީހުން ރާއްޖެ އެނބުރި އަންނަން ޓިކެޓް އަދިވެސް ހަމަޖެހިފައެއް ނުވެ އެވެ.
ރޭ އަލްހިޖްރަ ކުންފުނިން ވަނީ މާލީ ހާލަތު ތަންނުދިނުމުގެ ސަބަބުން އެ އުމްރާވެރިން ގެނެވޭނެ ގޮތެއް ހޯދިފައިނުވާކަމށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެ ބަޔާން ވަނީ ނަގާފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، ހާލުގައި ޖެހުނު އުމްރާވެރިން މި މަހުގެ 10 ވަނަ ދުވަހު މާލެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މީހުން ތިބި ހޮޓަލުން ނިކުންނަން ޖެހޭތީ، އެ މީހުން ފުރަންދެން ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު ތިބޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެ ފަރާތްތަކުގެ ކެއުމާއި ބުއިމުގެ އިންތިޒާމުވެސް ހަމަޖައްސައިދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، އަލްހިޖްރާ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އަދި ރައްޔިތުން އެނބުރި ޤައުމަށް އައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މައްކާގައި ދަތި ހާލަތެއް މެދުވެރިވެފައިވާ އުމްރާވެރިންގެ ބޭފުޅުންނާ މިރޭ އަޅުގަނޑު ވާނީ ގުޅައި ވާހަކަ ދައްކައި މިހާރުގެ ހާލަތު ބަލައިފަ. އިންޝާ ﷲ އެ ބޭފުޅުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން،” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، މައްކާގައި މިވަގުތު އޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
“ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ އަޅުގަނޑުމެން ނުތިބޭނަން. ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް. ދިމާވާ ކަންކަން ހައްލުކުރުމަށް،” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، އުމްރާވެރިންނާ މެދު އިހުމާލުވި ހިޖުރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.