އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފިއެވެ.
މުހައްމަދު އިސްމާއިލްގެ އިތުރުން މިއަދު ވަނީ ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ވެސް ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި މުހައްމަދު އިސްމާއިލް އާއި ތަކަނޭ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އަށް ލިބިގެން ނުވާ ބާރެއްގެ ތެރެއިން ގާނޫނުއަސާސީއާވެސް މުޅިން ހިލާފު ގަރާރެއްގެ މައްޗަށް ބުރަވެ ތިބެ އާއްމު ރައްޔިތުން ހައްޔަރުކޮށް، ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ ބާރު ކަނޑުވާލުމަށް ކުރަމުން ގެންދާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.