“ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ރޯދާ މަހުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ހުވަދޫ ދަތުރުގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ4،000 ފްލެޓް ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. ރަައީސް ވިދާޅުވީ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ފްލެޓް ލިސްޓް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައިވާ އުންމީދަކީ ވީހާ ވެސް އަވަހަކަށް ފްލެޓްތައް އޭގެ ހައްގުވެރިންނާ ހަވާލު ކުރުން ކަމަށެވެ.
“ވީހާ ވެސް އަވަހަކަށް އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް އެކަންކުރުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައި. ރޯދައިގެ ކުރިއަށް ހަމަ އިރާދަކުރެއްވިޔާ އިއުލާން ކުރަން މި މަސައްކަތް ކުރަނީ. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކުރެވޭނެ ކަމަށް.” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެެެއްވެސް މީހަކަށް ދީފައިވާ ގޯއްޗެއް ފުލެޓެއް މިސަރުކާރުން އަތުނުލާނެ ކަމަށެވެ. އެހެން ނަމަވެސް ނުގަވާއިދުން މަކަރާއި ދޮގު ހަދައި ފޯޖް ޑޮކިއުމަންޓެއް ހުށަޅައިގެން މީހަކަށް ގޯއްޗެއް ފުލެޓެެއް ލިބިފައިވާނަމަ އެމައްސަލަ ބަލާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ފުލެޓެއް ނުވަތަ ގޯއްޗެއް މީހަކަށް ލިބިފައިވާނަމަ ކެންސަލް ކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ރައީސް މުއިއްޒުގެ ލަފާފުޅުގެ ދަށުން ފްލެޓު މައްސަލައިގައި ނިންމަންޖެހޭ ނިންމުންތަކަށް ލަފާ ދިނުމަށް ‘ގެދޮރުވެރިންގެ ކޮމިޓީ’ ގެ ނަމުގައި ފަސް މެންބަރުންގެ ކޮމިޓީއެއް އެެއް ވަނީ އެކުލަވާލާފަ އެވެ.