އުމްރާވެރިންނަށް އިހުމާލުވި މައްސަލާގައި އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއާސް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ. މީގެ އިތުރުން، އެ ކުންފުންޏަށާއި އޭގެ ހިއްސާދާރުންނަށް އިތުރު ގާނޫނީ ފިޔަވަޅުތަކެއް އަޅަން ވެސް ނިންމާފައިވެއެވެ.
މިދިޔަ މަހު އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއާސްގެ ފަރާތުން އުމްރާއަށް ގެންދިޔަ 23 މީހުން މައްކާގައި ތާށިވެފައިވާކަން ފާހަގަކުރެވުނެވެ. މިކަން ދިމާވީ އުމްރާވެރިން ދަތުރަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއިން އެ ފަރާތްތަކުގެ އަނބުރާ އައުމުގެ ޓިކެޓު ހަމަނުޖެއްސުމުގެ ސަބަބުންނެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން، އުމްރާވެރިން ދެއްކި ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އަލް-ހިޖުރަ ކުންފުނީގެ ވެރިން އިއުތިރާފުވެފައިވެއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި:
– އުމްރާއަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
– ކުންފުނި 100،000 ރުފިޔާއިން ޖޫރިމަނާކުރުން
– އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއާސްއަށާއި އޭގެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުނިތަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުން
– މައްސަލަ ތަޙްޤީޤުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުން
މިފަދަ މައްސަލަތައް ކުރިންވެސް ދިމާވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން، މިދިޔަ އަހަރު މަޝްއަރު ގްރޫޕުގެ ޗެކު ބައުންސްވުމާ ގުޅިގެން އެ ކުންފުންޏާ މެދު ދަޢުވާކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.