2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނެފިއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު އަދަދު ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101,939,070.15 ރުފިޔާ (ސަތޭކަ އެއް މިލިޔަން ނުވަ ލައްކަ ތިރީސް ނުވަ ހާސް ހަތްދިހަ ރުފިޔާ ފަނަރަ ލާރި) ވަނީ ލިބިފައެވެ.
މި ކާމިޔާބީ ޙާޞިލުވެފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ޒަކާތު ހައުސް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އިފްތިތާޙު ކުރެވުނު ފަހުން، ދިވެހި ރައްޔިތުން ޒަކާތާ ގުޅުންހުރި ކަންކަމަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި، ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތުގެ ކަންކަމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަބަދުވެސް ޚަރަދު ކުރެވެމުންދަނީ ޝަރުޢީ އުސޫލުތަކާއި މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އޭގެ ޙައްޤުވެރިންގެ މައްޗަށްކަން ޔަޤީންކޮށްދީފައިވެއެވެ.