ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ، އޭގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަދު ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެކުލަވާލެވުނު ޓާސްކްފޯހަކުން ހިންގާ އޮޕަރޭޝަނެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން އިސް ދައުރެއް އަދާކުރާނެއެވެ. އަދި މި މަސައްކަތް ވިލަރެސްކުރުމަށް ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ޖޮއިންޓް އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއު ވިދާޅުވި ގޮތުގައި ފުލުހުން ވަނީ 24 ގަޑިއިރު ޚިދުމަތް ދިނުމަށް ތައްޔާރުވެފައެވެ. އަދި މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގެއްލުން ލިބޭ ގެތަކުން މީހުން ނެރުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދުމަށް ބޭނުންކުރާ ޕަންޕުތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ. އަދި މާލޭ ސިޓީ ކައުންސިލުން ވަނީ މިހާތަނަށް 800 އަށްވުރެ ގިނަ ވެލި ބަސްތާ މާލޭގެ އެކި ސަރަހައްދުތަކުގައި ޖަހާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި އޮޕަރޭޝަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވިދާޅުވެފައެވެ.