ނިމިދިޔަ އަހަރަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ބުރަ ބޮޑު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ‘ބާބު’ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމްޢާން ފާހަގަކުރެއްވީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ރެއިޑް އޮޕަރޭޝަންތަކަކީ ޚާއްސަކޮށް ފާހަގަކުރެވޭ ކަންތައްތަކެއް ކަމަށެވެ.
ޝަމްޢާން ވިދާޅުވި ގޮތުގައި މާލެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެއްވެސް ބިރެއް އަދި ޖެހިލުމެއް ނެތި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ޝާމިލްވަމުންދިޔަ މަންޒަރު ފެނިގެންދިޔައެވެ. އަދި ހަށި ވިއްކުމާއި، ޖިނާޢީ ބޮޑެތި ކުށްތަކުގައި ވަރަށް ގިނަ ބިދޭސީން ޝާމިލްވަމުންދާކަން ފާހަގަކުރެވުނުކަމަށް ޝަމްޢާން ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި 5،613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ޑިޕޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ދިނުމާއި، ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޝަމްޢާން ވިދާޅުވިއެވެ.
ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަރަށް ޚާއްސަ ވަޢުދުފުޅެއްކަން ޝަމްޢާން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރު އުފެދިގެން އައިއިރާ މިހާރުގެ ހާލަތާ އަޅާކިޔާނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ދައުލަތަށް ދައްކަންޖެހޭ ފީތައް ނުދައްކާ އުޅެން ބިދޭސީން ނުވަތަ އެ މީހުންނާ ހަވާލުވެ ތިބޭ ފަރާތްތަކުން ޖެހިލުންވާ ކަމަށާއި، ކުރިން ނުލިބިފައިވާ ފީތައްވެސް މިހާރު ލިބެމުންދާކަމަށް ޝަމްޢާން ވިދާޅުވިއެވެ.