ކުރިއަށް އޮތް ދުވަސްތަކުގައި މާލެއަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައިވާތީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މާލޭގެ 63 ގޭބީސީއެއްގައި އެމްއެންޑީއެފުން ވެލިބަސްތާ ޖަހައިދީފިއެވެ.
އެމްއެންޑީއެފުން ހާމަކުރިގޮތުގައި ރޭ ދަންވަރު 2:26 އާ ހަމައަށް، މާލޭގެ 63 ގޭބީސީއެއްގައި 533 ވެލިބަސްތާ ވަނީ ޖަހައިފައެވެ.
މި އޮޕަރޭޝަނަކީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ގެދޮރަށް ގެއްލުން ލިބިދާނެ ކަމަށް ބެލެވޭތީ، އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގައި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުގެ ސިފައިން ބައިވެރިވެ، ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުންދާކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާދީފައިވާ ގޮތުގައި، އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ވިއްސާރައިގެ ތެރޭގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި، އާންމު ވައި ގަދަވުމާއި، ކަނޑުތައް ގަދަވުން ހިމެނެއެވެ. ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުޞަތު އޮތް ކަމަށްވެސް އިންޒާރު ދީފައިވެއެވެ.