ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ، އެތަނުން ވައްކަންކުރަން އުޅެނިކޮށް ހައްޔަރުކުރެރި މީހެއްގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރީތިގަސްމަގު ބްރިޖް ކައިރީގައެވެ. ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަންކުރަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުންތަކެއް ގޮސް އޭނާ ހިފަހައްޓާފައިވެއެވެ. އަދި އޭގެފަހުން އެ މީހާ ވަނީ ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދީ، މާރާމާރީ ވެސް ހިންގާފައެވެ.
މިކަމާއި ގުޅިގެން ހައްޔަރުކުރި މީހާއަކީ 37 އަހަރުގެ އިބްރާހީމް ޒާލިފް ކަމަށާއި، އޭނާގެ ދާއިމީ އެޑްރެހަކީ ޗަނބޭލީގެ / ށ. ބިލެތްފަހި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިފަދަ ހާދިސާތަކާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކާ ކމަރުތަކާ ކުޅެ ހެދުމަކީ ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާއެއް ލިބުން ނުވަތަ މަރުވެދާނެ ފަދަ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް ހުޅުމާލޭ ފޭސް ދޭއްގައި ސްޓެލްކޯއިން ބަހައްޓާފައިވާ ހައި ވޯލްޓޭޖު ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްތުގައި ގެއްލުން ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާކަން ފާހަގަކުރެވެއެވެ.